އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތް ރޯދައިގެ ކުރިން ބާއްވާ ގޮތަށް ނިންމިނިންމުން ބަދަލުކޮށް، ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލު ގެނައުމަށް, އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އީސީން ހުށަހެޅީ, މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ދެ ގޮތެކެވެ. އެއީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. ދެން އޮތް ގޮތަކީ ގާނޫނުގައި ބުނާ އިންތިހާބު ބޭއްވުމާ ދޭތެރޭގައި ދޭން ޖެހޭ 30 ދުވަސް 20 ދުވަހަށް ކުރު ކުރުން ކަމަށް އީސީއިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28 ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.