މިއަދުން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާ ވާނެއެވެ.
މި މަހުގެ އެކަކުން ފެށިގެން އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުންވެސް މަނާ ވާނެކަމަށް ތިމާވެށީގެ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވެއެވެ.
މި ގޮތަށް ޢަމަލުކުރަންޖެހުނީ، ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޞާލިޙް ނެރުއްވި ޤަރާރަކުން ކަނޑައަޅުއްވާފައިވާ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރުމާ ގުޅިގެންނެވެ.
އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރިނަމަވެސް، އެތަކެތި ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 1 އިން ފެށިގެންނެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ޤަރާރަކުންނެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.