ރާއްޖޭގައި ފަސް މިލިއަން ގަސް އިންދިމުގެ މަޝްރޫއަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ޕާކިސްތާންގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުއާ އެކު ރައީސް ޑރ. މުއިއްޒު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވަނީ ފަސް ރާއްޖޭގައި މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާވެވަޑައިގެންނެވި ވައުދު ފުއްދުމަށް ޓަކައި، އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައެވެ.

ދުބައީގައި ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް 28) ވަނަ ސަމިޓުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުން މިފަދަ ބައްދަލުކުރެއްވުން ތަކުގައި، ރާއްޖެ އާއި އެކި ޤައުމުތަކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.