އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު އަނެއްކާވެސް ޕީއެންސީއަށް ސޮއި ކޮށްފައިވާ ގިނަ އަދަދެއްގެ ފޯމުތަކެއް އެޕާޓީއާއި ހަވާލު ކޮށްފިއެވެ.
ޕީއެންސީއަށް ސޮއިކޮށްފައި އެތައްސަތޭގެ މެމްބަރުންގެ ފޯމު މިއަދު ފަލާހު ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަދި ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމްއާއެވެ.
ފަލާހު ކުރިޔަށް އޮތް ދައުރުގައި އެދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު އޭނާވަނީ ފާއިތުވި ރިޔާސީ އިންތިޚާބު ޑރ. މުއިއްޒުއަށް ކާމިޔާބު ކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. މިގޮތުން އޭނާވަނީ "ދިވެހީންގެރާއްޖެ" ކެމްޕޭންގެ ރ. އަތޮޅުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
ދާދިފަހުން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށް ފަހު ފަލާހު ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަން ދިފާއުކުރަން މޭ އައްޑަނައަކަށް ހަދާނެކަމަށާއި ސިޔަސީ ގޮތުންނާއި ހުރިހާ ގޮތަކުންވެސް ރައީސް ޑރ މުޢިއްޒުގެ ސަރުކާރު ދިފާޢު ކުރުމުގައި ވަފާތެރިކަންމަތީ ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މުޅި ރ. އަތޮޅުވެސް ވަނީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައިކަމަށާއި، މުޅި ރ. އަތޮޅުގެ 15 ރަށުގެ ރައްޔިތުންވެސް ތިބީ ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢުކޮށް އެމަނިކުފާނުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރިއަށް ދާންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.