ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރުގެ ޖަލްސާތައް، މި މަހުގެ 18އަށް ދިގު ދަންމާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ހުށަހަޅުއްވައިފި އެވެ. މަޖިލީހުގެ މުހިންމު މަސައްކަތްތައް ނުނިމޭތީ، މިދިޔަ މަހުގެ ފަހުކޮޅު މަޖިލީހުން އޮތީ މާދަމާގެ ނިޔަލަށް ދައުރު ދިގު ދަންމާލަން ފާސްކޮށްފަ އެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އަސްލަމް ވަނީ، އަދިވެސް އިތުރަށް ދައުރު ދިގު ދަންމަން ބޭނުންވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން އެ މަނިކުފާނު ހުށަހެޅުއްވީ މި މަހުގެ 18ގެ ނިޔަލަށް ދައުރު ދިގު ދަންމާލުމަށެވެ. މި ދައުރު ދިގު ދަންމާލަން ބޭނުންފުޅުވާ ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، އަދިވެސް ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް އަދިވެސް މުހިންމު ކަންކަން ނުނިމޭތީ، އެ ކަންކަން ފާސްކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ. "މި ކަމަށް ވޯޓަށް އެހުން، މިއަދުގެ ވޯޓުގެ ގަޑީގައި ވޯޓަށް އެހުން އޮންނާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އޭގެ އިތުރުން، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

  • ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ކޮންމެ އަހަރެއްގައި ވެސް މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދައުރު: ފެބްރުއަރީން އޭޕްރިލްއަށް
  • ދެ ވަނަ ދައުރު: 16 މޭ އިން ޖޫންއަށް
  • ތިން ވަނަ ދައުރު: 16 އޮގަސްޓުން ނޮވެމްބަރު

އެ ހިނގާ ދައުރެއް ދިގު ދަންމާލަން ބޭނުން ކަމަށްވާ ނަމަ، އެކަން ތަޅުމަށް ހުށަހަޅައިގެން ފާސްކުރުމުން ދައުރު ދިގު ދަންމާލުމުގެ ފުރުސަތު ގަވައިދުގެ ދަށުން ލިބެ އެވެ.