ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ. މި އިންތިހާބު އޮންނާނީ މި މަހު 23 ގައެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތާ ބެހޭ އުސޫލެއް އެކުލަވާލާފައި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ސަރުކާރު ދަމަހައްޓަން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމެވެ. ރިޔާސީ އިންތިހާބެކޭ އެއްގޮތަށް، މަޖިލިސް އިންތިހާބު ވެސް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ ކޯލިޝަނާ ބައެއް އިތުރު ޕާޓީތަކުން ގުޅުނު ނަމަވެސް، މިހާތަނަށް ނިންމާފައި އޮތީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަނި މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް ފުރުސަތު ދިނުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕްރައިމަރީއަށް ކުރިމަތި ލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މި މަހުގެ 10ގެ ނިޔަލަށް ޕާޓީއާ ގުޅޭ މެމްބަރުންނަށް ކަމަށާއި ޕްރައިމަރީ ބާއްވާނީ މިމަހުގެ 23ގައި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 23 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.