ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ހިންގުމަށް ހަމަޖައްސާފައިވާ އެ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ބެލުމަށްފަހު އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތް ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށްވެސް ބަޔާނުގައި ވަނީި ބުނެފައެވެ.
މިއީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ވުނެފައެވެ. ހަމައެހެންމެ މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ބައްޓަން ކުރުމަކީވެސް މި އޮޕަރޭޝަންގެ މަގްސަދެކެވެ.
މީގެ އިތުރުން މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި ރައްޔިތުންނާއި މިކަމާއި ގުޅުންހުރި ހުރިހާ ތަނެއް ބައިވެރިކޮށް ފިޔަވަޅުތަކެއް އެޅުން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ އަހަރުގެ ބޯހިމެނުމުން ދެއްކި ގޮތުގައި ރާއްޖޭގައި 97،164 ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން 32,470 މީހުން ދިރިއުޅެނީ މާލޭގަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.