މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަ ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު، އައިޝަތު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން(އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. މާލޭގެ މޭޔަރު ހޮވުމުގެ އިންތިޚާބު އޮންނާނީ، އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ޕީޕީއެމް-ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކަށް ކުރިމަތިލާން ހުޅުވައިލި ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތި ލެއްވީ އާޒިމާ އެކަންޏެވެ. އެ ކަމަނާ މިއަދު ވަނީ މޭޔަރުގެ އިންތިޚަަބުގައި ވާދަކުރެއްވުމަށް ފޯމު އީސީއަށް ހުށަހަޅުއްވާފައެވެ. އާޒިމާ ވިދާޅުވަނީ، އެކަމަނާ އަކީ ސަރުކާރާއިއެކުގައި މަސައްކަތް ކުރައްވާނެ ކެންޑިޑޭޓު ކަމަށާއި، މާލެ އަކީ ވެރިކަން ކުރާ ރަށަށް ވުމުން، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ފަރާތެއް، މޭޔަރުގެ މަޤާމުގައި ހުންނެވުން މުހިންމު ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެންނެވެ.

މިއަދު ވަނީ އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމްވެސް ފޯމު އީސީއަށް ހުށަހަޅުއްވާފައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމް، ޕީއެންސީގެ ޓިކެޓުގައި އާޒިމާ ޝޫކޫރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.