ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތައް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދޮގުކުރައްވައިފިއެވެ. ފަޒުލް މިކަން ދޮގު ކުރެއްވީ، ރޭ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކްސްގެ އެޕޯސްޓުގައި ފަޒުލް ވަނީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލުކުރުމަށް ނިންމި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. ހުޅުމާލެ ފޭސް 3 ‏މަޝްރޫއުގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ފުށިދިއްގަރުފަޅު މަޝްރޫޢު އަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރަން ހިންގާނެ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އެމަނިކުފާނު އިޢުލާނު ވެސް ކުރެއްވިއެވެ. އެހެންނަމަވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ބަޖެޓުގައި ހުށަހެޅި 400 މިލިއަން ރުފިޔާގެ ބަޖެޓު، ކޮމިޓީ މަރުޙަލާގައި ވަނީ އުނިކޮށްފައެވެ. އަދި އެހެން މަޝްރޫޢުތަކަށް އެ ފައިސާ ވަނީ ބަޖެޓުން ބަހައިލައިފައެވެ. އެމްޑީޕީން މިފަދަ ހުރަހެއް އެޅިޔަސް، ސަރުކާރުން ނިންމަވައިފައިވަނީ، މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދާށެވެ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.