ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި ރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހިންނަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާއިރު އެކަމުގައި ތާރީހުގެ އަލިފަރާތަކާއި އަނދިރި ފަރާތެއް ފެންނަ ކަމަށެވެ.
އެގޮތުން މައްސަލައިގެ އަނދިރިފަރާތަށް ބަލާއިރު ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބަވައިގެން ޝަމްސުއްދީނާއި މުހްޔިއްދީން، ދެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދަވައި، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ހޮޅީންނަށް ލިޔުއްވުމުގެ ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތި ކޮށްލުން ކަމަށް ވިދާޅުވި އެވެ.
ރައީސްގެ އަނބިކަނބަލުންނާއި ނާއިބު ރައީސްގެ ދެމަފިރި ކަނބަލުންގެ އިތުރުން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުސް މެމްބަރުންނާއި ދައުލަތުގެ ވެރިން ބައިވެރިވި މިރޭގެ ޖަލްސާ ގައި ރައީސް ދޮންބަންޑަރައިންގެ މާތް އަނެއް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ގައުމާ އެއްކޮޅަށް ނިންމެވުމާއި އެ ދުވަސްވަރުގެ ޖިއޯޕޮލިޓިކަލް ހަގީގަތުގެ މައްޗަށް ލޯފުޅު ހުޅުއްވިފައިވާލެއް ބޮޑުކަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަލާމަތަށްޓަކައި އޭރު ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ފަރަންސޭސީންނާއެކު ދިވެހި ގުޅުމެއް އުފެއްދި އިރުވެސް، ދިވެހި ދައުލަތުގެ ސިޔާދަތީ ހުރިހާ ބާރެއް ދިވެހި ދައުލަތުގެ ފަރާތުން އޭރުގެ ރަސްގެފާނު ދޮންބަންޑާރައިން ކަށަވަރުކުރެއްވުމަކީ ހިތްވަރުފުޅު ގަދަ އާދަޔާ ހިލާފު ހަގީގަތުގެ ވާހަކައެއް ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.