ރާއްޖޭގައި މިހާރު ތިބީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށާއި، އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަނީ 36 ޕަސެންޓު މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިހުސާން މިހެން ވިދާޅުވެފައި ވަނީ އިސްކަންދަރުކޮށީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އިހުސާނު ވިދާޅުވީ، ބަންގުލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދޭން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް، އެއީ ގާނޫނާހިލާފު ނިންމުމެއް ނޫން ކަމަށެވެ. ގާނޫނުގައި ބަޔާންކޮށްފައިވަނީ ކޮންމެ ގައުމަކުން ވެސް ރާއްޖެއަށް މަސައްކަތް ކުރުމަށް އެތެރެކުރެވޭނީ 100،000 މީހުން ކަމަށާއި އެކްސްޕެޓް ސިސްޓަމުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ބަންގުލަދޭޝް މަސައްކަތްތެރިންގެ އަދަދަކީ 90،624 ކަމަށް އިހުސާނު ފާހަގަކުރެއްވިއެވެ.

އެ އަދަދަކީ 90،624 މީހުން. އެއީ ހަމަ ޔަގީނުން ވެސް އެއް ލައްކައަށް ވުރެ މަދު އަދަދެއް. އެހެންވީމަ އަޅުގަނޑުމެން ބަންގްލަދޭޝްގެ ރައްޔިތުންނަަށް އަންސްކްލިޑް ލޭބަރުންގެ ގޮތުގައި ރާއްޖެއަށް އަންނަން ހުއްދަދޭ ދިނުމަކީ މިބީދައިން ބަލާއިރުގައި އެ ގާނޫނާ އެއްވެސް ވަރަކަށް ފުށޫ އަރާ އަދި ޚިލާފުވާ ކަމެއް ނޫން،

އިހުސާނު

އިހުސާނު އިތުރަށް ވިދާޅުވީ، ބިދޭސީއެއް ރާއްޖެއިން ވަޒީފާ ދޫކޮށް ފުރައިގެން ދިޔަނަމަވެސް އޭނާގެ އެމައުލޫމާތު އަޕްޑޭޓްނުކުރާހާ ހިނދަކު ސިސްޓަމުން ދައްކާނީ އެއީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ރެޖިސްޓާ ކޮށްފައިވާ މީހެއްގެ ގޮތުގައި ކަމަށެވެ. އެކްސްޕެޓް ސިސްޓަމުން ދައްކާގޮތުން ބަންގުލަދޭޝްގެ މަސައްކަތު މީހުންގެ ތެރެއިން 50 ޕަސެންޓު މީހުންނަކީ ވޯކް ޕާމިޓަށް ފައިސާ ނުދައްކާ މީހުން ކަމަށާއި 36 ޕަސަންޓު މީހުންނަކީ ގަވާއިދުން ފައިސާ ދައްކަމުންނުދާ މީހުން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން މި ދާއިރާ ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށާއި، ބިދޭސީންނާ ގުޅޭކަންކަން ހަރުދަނާކުރަން މުހިންމު މަސައްކަތްތަކެއް ފަށްޓަވާނެ ކަމަށް ވެސް އިހުސާނު ވިދާޅުވިއެވެ.