މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު އިއުލާނު ކުރައްވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ މިހާރުގެ ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ. އިހުސާން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލުމަށްފަހު ރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގައި މަރުގެ ކުށް އާންމުވެފައިވާއިރު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުކުރުމަށް މީގެ ކުރީގެ ރައީސްއިން ވަނީ މަސައްކަތްތަކެއް ކުރައްވަން އުޅުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުތައް ބެލުމުގެ ނަމުގައި މަރު ކޮމިޝަނެއް އެކުލަވާލެއްވުމަށްފަހު އެ ކޮމިޝަންވެސް އުވާލައްވާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރުވެސް ވަނީ އެ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް އަލި މަގެއް ފެނިފައެއް ނުވެއެވެ. ގިނަ ބަޔަކު މަރަށް މަރު ހިފުމަށް ގޮވަމުންދާއިރު އެ އަދަބު ރާއްޖޭގައި ތަންފީޒުކޮށްފިނަމަ މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ބަޔަކު އެބަ ތިއްބެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.