އަދުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް މަޝްރޫޢުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކަނީ، އެ ފަޅު ހިއްކާ ކުންފުންނަށް 70 ހެކްޓަރުގެ ބިން ހިލޭ 99 އަހަރަށް ދީގެންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ފުށިދިއްގަރުފަޅު މަޝްރޫޢުއާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކާ ކުންފުނި، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން އެ މައްސައްކަތް ކުރިއަށްގެންދަނީ ދައުލަތުގެ ބައިތުލްމާލުން އެއްވެސް ފައިސާއެއް ހޭދަނުކޮށް، އަދި ލޯނެއްވެސް ނަގައިގެން ނޫންކަމަށެވެ. ބަދަލުގައި ސީއެމްސިސީއަށް 70 ހެކްޓަރުގެ ބިން ސަރުކާރުން ހިލޭ ދިނުމަށް ނިންމާފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 10 ހެކްޓަރު އަދި ފުށިދިއްގަރުފަޅުން 60 ހެކްޓަރު ކަމަށެވެ.
މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން، ފުށިދިއްގަރުފަޅު ހިއްކާ ކުންފުންޏަށް ދޭން ނިންމިއިރު، އެ 70 ހެކްޓަރު ބިމަށް ޖެހޭ ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ.
ފަޒުލް ވިދާޅުވީ މި މަޝްރޫޢު އިން އާބަންކޯގެ އެސެޓަށް 1093 ހެކްޓަރުގެ ބިން އިތުރުވެގެންދާއިރު، މި މަޝްރޫޢުގެ އެންމެ ހާއްސަ އެއްކަމަކީ ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހުން ކަމަށެވެ.
ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. ފުށިދިއްގަރުފަޅަށް ސަރުކާރުން 'ރަސްމާލެ" ނަން ދީފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ފުރިހަމަ ހައްލެއް ލިބިގެންދާނޭކަމަށް ސަރުކާރުން ބުނެއެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީންނެވެ.
ފުށިދިއްގަރު ފަޅު މަޝްރޫޢުގެ ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ.
މިމަޝްރޫޢުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށްވަނީ ނިންމާފައެވެ.
ފުށިދިއްގަރު ފަޅުގެ މަޝްރޫއަކީ 20 އަހަރަށް ދެމިގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. އެތަނުން 80 ހާސް މީހުނަށް ބޯހިޔާވަކަން ހޯދައިދޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.