އައްޑޫސިޓީގައި ފެންބޮޑުވެ 90އަށްވުރެ ގިނަ ގޭގެއަށް ފެން ވަދެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމެންޓް ސެންޓަރ (އެންޑީއެމްއޭ)އިން ހާމަކޮށްފައިވާ ގޮތުގައި، ދެކުނަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި، އައްޑޫ ސިޓީގެ 97 ގެއަކަށް ވަނީ ފެންވަދެ ގެއްލުންތަކެއް ވެފައެވެ. މިއަދު އައްޑޫ އާއި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. މިގޮތުން މިއަދު މެންދުރު 13:00 ފެށިގެން ފުވައްމުކާއި އައްޑޫ ސިޓީގެ އެކި އަވަށްތަކާއި، ވަކިން އޮންނަ ހުޅުމީދޫއަށްވެސް ބޯކޮށް ވާރޭ ވެހުނުއިރު، އައްޑޫ އާއި ފުވައްމުލަކަށް އޮރެންްޖް އިންޒާރުވެސް ނެރުނެވެ. އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާގައި އައްޑޫގެ ހަތަރު އަވަށަކާއި ވަކިން އޮންނަ ހުޅުމީދޫގައިވެސް ފެންބޮޑުވެފައިވާ ކަަމަށެވެ. މިގޮތުން މަރަދޫގެ 13 ގެއެއްގައި ފެންބޮޑުވިއެވެ. އެންޑީއޭމްއޭއިން ވިދާޅުވީީ، އެ ގެތަކުން ފެން ހިއްކައި އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި މަރަދޫފޭދޫގެ ފަސް ގެއެއްގައި ފެންބޮޑުވިއިރު، އެެއް ގެއިން މިވަގުތު ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަަމަށް އެންޑީއެމްއޭ އިން ވިދާޅުވެފައި ވެއެވެ. އަދި އެގެއަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފޭދޫގެ 60 ގެއެއްގައި ފެންބޮޑުވިއިރު، ހިތަދޫގެ ނުވަ ގެއެއްގެ ގޯތި ތެރޭގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން ވަކިން އޮންނަ ހުޅުމީދޫގެ 10 ގެއެއްގައި ފެންބޮޑުވެފައި ވެއެވެ. އެންޑީއެމްއޭއިން ވިދާޅުވީ، މި ވިއްސާރައިގެ ސަބަބުން އެއްވެސް ގެއަކުން މީހުން ހުސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތަކަށް ގޮސްފައި ނުވާ ކަމަށެވެ. އަދި މި ވިއްސާރައިގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވި ނަމަވެސް ގޭގެގައި ފެންބޮޑުވެ ގެއްލުން ލިބޭ ހާލަތަަކަށް ގޮސްފައި ނުވާ ކަަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.