ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީކުރާ ރަންވޭ މަހެއްގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފިއެވެ.
އާރްއޭސީއެލް ބުނީ، އަލަށް ތަރައްގީކުރާ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ މި ރަންވޭގެ މަސައްކަތް ނިމުމާ ގާތަށްވަނީ ގޮސްފައިވާ ކަމަށެވެ. އަދި އެއްކޮށް ނިމުމާއެކު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ރަންވޭ ބޭނުންކުރަން ހުޅުވާލެވޭނެ ކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނީ އަދި މި ރަންވޭ ހުޅުވިގެންދާއިރު، ނައިޓް ލޭންޑިން ފެސިލިޓީ ވެސް ގާއިމުކުރެވިގެންދާނެ ކަމަށާއި އަދި އޭގެ ސަބަބުން ރޭގަނޑު ދަތުރުތަކަށް ހިދުމަތްދެވޭނެކަމަށެވެ. އަދި މުޅި ރަންވޭގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިމި 24 ގަޑިއިރު ބޭނުންކުރުމަށް ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ތަރައްގީކުރަން ފެށި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.
ހަނިމާދޫގައި މަޝްރޫއުގެ ދަށުން 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލަކާއި 2460 މީޓަރުގެ އާ ރަންވޭއެއް ގާއިމު ކުރަން ވަނީ ހަމަޖެހިފައެވެ. އަދި އެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރަން ވަނީ ހަމަޖެހިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.