ރޭ ދަންވަރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެއްޖެއެވެ. އެގޮތުން މާލޭގެ ބައެއް ސަރަހައްދުތައް ދޮޅު ފޫޓަށް ފެންބޮޑުވެ ބައެއް ފިހާރަތަކަށާއި ގޭގެއަށްވެސް ވަނީ ފެންވަދެފައި ވެއެވެ. އަދި އާންމު މާލޭގައި އެންމެ ފެންބޮޑު މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީ މަގާއި މަޖީދީ މަގުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މީގެ އިތުރުން މޫސުމާ ބެހޭ އިދާރާއިން ވަނީ މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މޫސުމަށް ސަމާލުވުމަށް އަންގާ ހުދު ސަމާލު ނެރެފަ އެވެ. މި ސަމާލުގައި މެޓުން ބުނެފައިވަނީ ވިއްސާރަކުރަމުންދާކަމަށާއި، ގުގުރުމާއެކު ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުންޏެވެ.


މެޓު އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މެންދުރު ފަހު 1:30އާއި ހަމައަށެވެ. މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ނ.އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށް މެންދުރު 13:00އާ ހަމައަށްވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.


މެޓުން ބުނީ އެ ސަރަހައްދަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ގަދަވަޔާއެކު ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ފެށުމާއި ގުޅިގެން ކުރާ ވިއްސާރައެވެ. އިރުވައި މޫސުން ފެށުނީ މިދިޔަ ހޯމަ ދުވަހުއެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ މިކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.