މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލާލައްވައިފައެވެ.

އަދި އެމަނިކުފާނުގެ އިތުރުން މި ޒިޔާރަތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރެއިން ފެށިގެން މާލެއަށް ވެހުމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށާއި ފިހާރަތަކަށް ވަނީ ފެން ވަދެފައެވެ. އަދި ބައެއް ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ މާފަންނުގެ ސަރަހައްދުތަކުގައެވެ. މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ