ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ.
ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ރައީސް ޑރ. މުއިއްޒުއާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ހާއްސަކޮށް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިހްލާސް ތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި، މި ކާރިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން، އަލުން އެ ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، މިކާރިސާއިން ގައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.