މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ކުރެއްވި އައިޝަތު ނަހުލާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމައިފިއެވެ.

އެކަމަނާ މިކަން ހާމަ ކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި ނަހުލާ ވިދާޅުވީ އެކަމަނާ ވާދަކުރާނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކަމުގައެވެ އަދި ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން އެކަމަނާއަށް ތާއީދުކޮށް ވޯޓް ދެއްވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ނަހުލާ މަޖިލީހަށް ވާދަކުރައްވާކަން އިއުލާނުކުރައްވާ މިވަނީ ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެ، އެޕާޓީން މުއްދަތު އިތުރުކޮށްފަވަނިކޮށެވެ. އެޕާޓިން ބުނީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ މީހުންގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލުކަން ބެލުމަށް ފަހު، ޕާޓީގެ ކައުންސިލުން ނުވަތަ އެކަަމަށްޓަކައި ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށް ފަހު ކަމަށެވެ. ނަހުލާ މަޖިލީހަށް ވާދަކުރައްވާއިރު އެކަމަނާ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 2018 ވަނަ އަހަރުއެވެ. އަދި  އެކަމަނާއަކީ ރާއްޖޭގެ ތާރީހުގައިވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ ހިންގެވި ފުރަތަމަ އަންހެން ވަޒީރެވެ. އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނަ ތާރީހެއް އަދިއެއް އިއުލާންކޮށްފައެއް ނުވެއެވެ.