އެމްޑީޕީއަށް ނިސްބަތްވާ، މާލޭސިޓީގެ ދެ ކައުންސިލަރުން ޕީއެންސީއަށް ސޮއި ކޮށްފިއެވެ.

މާލޭ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު ޢާއިޝަތު ނިޒްލީ ރަޝީދު އާއި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕިއަށް ނިސްބަތްވާ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީޙާން ނާޡިމް ރޭ ޕީއެންސީއަށް ސޮއި ކޮށްފައިވަނީ، މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ޕިއެންސީގެ ޓިކެޓްގައި ވާދަކުރާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ.

ދެ ކައުންސިލަރުންވެސް ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލުކުރެއްވީ ރައީސް މުއިއްޒުއާއެވެ.

ރޭގެ ޖަލްސާގައިވެސް ޕީއެންސީއަށްވަނީ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ހިންނަވަރު ދާއިރާގެ ރައީސްވެސް ހިމެނެއެވެ.

ރޭގެ ޖަލްސާގައި އާޒިމާވަނީ އޭނާގެ މެނިފެސްޓޯ އިއުލާން ކުރައްވާފައެވެ. މެނިފެސްޓޯގައި އާޒިމާވަނީ މޭޔަރުކަމަށް އިންތިޚާބު ވެއްޖެނަމަ މާލޭގެ މުނިސިޕަލް ޚިދުމަތްތައް ތަރައްގީ ކުރުމަށް ގިނަ ޕްލޭންތަކެއް އާންމު ކުރައްވާފައެވެ.