އާޒިމާ ނޫން ކެނޑިޑޭޓަކު ހޮވައިފިނަމަ ރައްޔިތުން ތަކުރާރު ކުރަންޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ ތަރައްގީއަށް ކުރައްވާ ކަންކަން ކުރައްވާނީ މާލޭ ސިޓީ ކައުންސިލްގެ ތެރެއިން ކަމަށާއި، އެ މަސައްކަތް ކުރައްވާ އިރު ސަރުކާރަށް އުނދަގޫކުރާ ކެންޑިޑޭޓަކާއެކު ހޮވައިގެން ލިބޭނެ ކުރިއެރުންތައް މަޑުޖެހުމަކަށް އަންނާނެ ކަމަށެވެ. "ސަރުކާރަށް ޖެއްސުންކުރަން ނޫނިއްޔާ ސަރުކާރާ އެކީގައި މަސައްކަތްކުރުމުގެ ވިސްނުން ނެތް ޕާޓީއަކުން މީހަކު ހޮވައިފިޔާ ކިހިނެއްތޯ ވާނީ. އަނެއްކާ މާލޭގެ ރައްޔިތުން ތަކުރާރު ކުރަންޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް. އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން" ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ސްޕީޑް ކަނޑައަޅަނީ އަހަރަކުން, މަހަކުން ނޫން ކަމަށާއި އެކަން ކަނޑައަޅަނީ ހަފްތާއިން ކަމަށެވެ. އެހާވެސް ބާރު ދުވެލީގައި މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. "ހަފްތާއިން ބަލަނީ. ކިތައް ހަފްތާތޯ މިވީ. މި ހަފްތާއާ ހަމައަށް އައިއިރު ކިހާ މަސައްކަތެއްތޯ ކުރެވުނީ. މި ބާރު ސްޕީޑްގަ, މި ވިސްނުމުގަ މާލެ ސިޓީގެ ރައްޔިތުންނަށްޓަކައި ކަންތައްތައް ކޮށްދޭން ބޭނުންވާއިރު އެ މަގައް މަގުފަހިކޮށްދޭން އަޅުގަންޑު އެދެން," ރައީސް ވިދާޅުވިއެވެ. އެދުމަކީ ރައްޔިތުން މާލޭގެ ރައްޔިތުން ހެޔޮ ވިސްނުން އިސްކުރެއްވުން ކަމަށާއި ދޭނެ ޔަގީން ކަމަކީ ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާނެކަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް ވެސް އެންމެ ބޮޑެތި މައްސަލަތަކުގައި ވެސް އަމަލުކޮށްފައިވާނީ އެގޮތަށް ކަމަށާއި ބޭރު ސިފައިން ބޭލުމަށް ކުރަން ޖެހޭ ކަންތައްތައް ވެސް ފުރަތަމަ ދުވަހުން ފެށިގެން "އެއްވާނެއްގަ" ކުރަމުންދާ ކަަމަށް ރައީސް ވިދާޅުވިއެވެ. "އެހެންވެ ނޫން ތޯ ބޭރުގެ ނޫސްތަކުގެ އެކި ކަހަލަ ހެޑްލައިން އެ ލިޔަނީ. އެހެން ނޫނީ ލިޔަންވީ ސަބަބެއް ނެތެއްނޫންތޯ. އެތެރެއިން, ބޭރުން, މެދުތެރެއިން, ހުރިހާ ދިމާލެއްގަ އެއް ގޮތަކަށް އެއްވާނެއްގަ, ވީ ވައުދެއް ވިއްޔާ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ފުއްދުން ނޫން ކަމެއް އަޅުގަނޑުމެންގެ ނެތް," ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ ވެރިކަން ކުރާ ޕާޓީން ކެންޑިޑޭޓަކު ހޮވައިގެން، ތަރައްގީ ގެނައުމަށް ފުރުސަތު އޮއްވައި އެ މަގު އިސްކުރުމަށް މާލޭގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.