އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ފަށައިފިއެވެ.

އާރްޑީސީން ވަނީ މޫސުން ތަންދޭނަމަ، އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށާއި އަދި ފަހު ދެ ސެގްމަންޓްގެ ތާރުއެޅުމަށްފަހު، މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރަހާ މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު، އަމީނީމަގު އާއްމުންނަށް ހުޅުވަލާނެކަމަށް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައެވެ.


13 ސެގްމަންޓަށް ބަހާލައިގެން ފެށި އަމީނީ މަގުގެ މަސައްކަތުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ކުރިއަށްގެންދަނީ ކުރީގެ 11 ސެގްމަންޓަށްވުރެ ފުޅާކޮށް ކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަމީނީ މަގުގެ މަސައްކަތްދަނީ ޢިއްޒުއްދީން މަގު ހައުސިންގ މިނިސްޓްރީ ކައިރިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކޮމްޕްލެކްސްއާ ހިސާބަށް  ކުރަމުންނެވެ. މާލޭ ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މަގުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަސައްކަތް މެދުކަނޑާލަން ޖެހުމުން މަސައްކަތްވަނީ މިދުވަހަށް ނުނިމިއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ.