ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެމަނިކުފާނު އެތަނަށް ވަޑައިގެންނެވީ މިއަދުގެ ފަތިސް ނަމާދަށް ފަހު ފަތިސް ވަގުތުގައެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތައް ގާތުން ބައްލަވައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް މުޢިއްޒުގެ އެއް ވަޢުދެވެ.
ތާރު އަޅައި ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތަކީ ރައީސް މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މަސައްކަތެކެވެ.
ނަމަވެސް، އެކަމަށް ބޭނުންވާ ބަޖެޓް ކުރީ ސަރުކާރުން ދީފައި ނުވާތީ މާލެ ސިޓީ ކައުންސިލަށް މަސައްކަތް ކުރިއަށް ނުގެންދެވި ވަނިކޮށް، އެ މަޝްރޫޢު މާލެ ސިޓީ ކައުންސިލް އަތުން އަތުލައި ޕްލޭނިންގ މިނިސްޓްރީން އަލުން ވަނީ މަސައްކަތް ކުރިން ހަވާލުކުރެވުނު އަގުގެ ދެ ގުނަ އަގެއްގައި އަލުން އެ މަސައްކަތް އާރްޑީސީ އާ ހަވާލު ކޮށްފައެވެ.
ރައީސް މުޢިއްޒު ވަނީ އެމާނިކުފާނުގެ ވެރިކަމެއްގައި އެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުގެ މަސައްކަތް ފެށުމާއި އެކު، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެ މަޝްރޫއު އާއި ގުޅޭގޮތުން އާރްޑީސީ އާއި ބައްދަލު ކޮށް މަސައްކަތް އަވަހަށް ނިންމުމަށް މަޝްވަރާ ކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.