އޮންލައިން ޕޭމަންޓު ޕްލެޓުފޯރމުތައް މެދުވެރިކޮށް ފައިސާ ލިބިގަތުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން އީވޮލެޓުގެ ހިދުމަތް ގާއިމުކުރުމަށްޓަކައި ބެންކް އޮފް މޯލްޑިވްސް އާއިއެކު މަސައްކަތްތައް ފެށުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުގައި ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އޮންލައިން ޕޭމަންޓު ޕްލެޓުފޯރމުތަކުގެ ހިދުމަތްތައް ލިބިގަތުމުގައި ހުރި ދަތިތައް ނައްތާލުމުގެ ގޮތުން ސަރުކާރުން ބެންކާއިއެކު އީވޮލެޓް ގާއިމުކުރުމަށް މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފެށުމަށް ހަމަޖެހިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އީކޮމާސް ޕްލެޓުފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމަށް އެމެރިކާގެ ސަރުކާރާއިއެކު މަޝްވަރާތައް ކޮށް އެކަމަަށް އެކްސެސް ހޯދުމަކީވެސް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތެއްކަމަށްވާއިރު ކަމާއި ގުޅުންހުރި އިތުރު ފަރާތްތަކާއިއެކު މަޝްވަރާކޮށް ޕޭޕަލް ފަދަ އެހެން ޕްލެޓުފޯރމްތަކުގެ ހިދުމަތް ލިބޭނެ މަގުފަހިކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިކަމާއި ސައިބާރ ސެކިއުރިޓީއާއި ގުޅިފައިވާކަމަށްވުމުން އެކަމަށް ބޭނުންވާ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓުކޮށް މަޖިލީހަށް ހުށައެޅުމަށްވެސް ނިންމާފައިވާކަަމަށާއި އެ މަސައްކަތްތަކުގައި ވާގިވެރިވުމަށް ތައްޔާރަށް އޮތް ދެ ގައުމުކަމަށްވާ ޔޫއޭއީ އާއި ތުރުކީ އާއި އެކު ކުރިއަށް ގެންދާނެކަމަށްވެސް  ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ސަރުކާރުންވަނީ ސައިބަރސެކިއުރިޓީ ހިދުމަތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރުމަށް ނިންމާފައިކަމަށެވެ.