ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީ.ސީ.ސީ.ސީ.)ގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްކުރާ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ސީ.ސީ.ސީ.ސީ. ގެ އިސްވެރިން ވަނީ ޗައިނާގެ ސީ.ސީ.ސީ.ސީ.އަށް ދިވެހިރާއްޖެއިން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. ސީ.ސީ.ސީ.ސީ. ގެ އިސްވެރިން ވަނީ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ރާއްޖޭގެ ކުރިމަގު އުޖާލާވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިގްތިޞާދީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ރައީސްގެ ދެކަނބަލުން މިހާރު ގެންދަވަނީ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.