ކ. ގިރިފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، މިހާތަނަށް 143،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު، ބިން ހިއްކުމުގެ އިތުރުން ސޭންޑް ބަންޑް ޖެހުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ. މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ 182.79 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 375،512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 2،712 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ގްރޮއިން ޖެހުމުގެ އިތުރުން 101 މީޓަރުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އިތުރު މަސައްކަތްތަކުގެ ތެރޭގައި 101 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 50 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 144 މީޓަރުގެ ފެނުއަޑީގެ ހިލަތޮއްޓެއް ގާއިމުކުރުން ހިމެނެއެވެ. އަދި 1،135 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބްރިޖެއް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. މި ހުރިހާ މަސައްކަތެއް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
ގިރިފުށްޓަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ތަމްރީނުތަކަށާއި ކެޑޭޓް ކޯޕްސްގެ ކޭމްޕްތަކަށް ބޭނުންކުރާ މުހިންމު ރަށެކެވެ. އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން އެމްއެންޑީއެފްގެ ތަމްރީން ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް، ވަސީލަތްތައް މިހާރަށްވުރެ ތަރައްގީ ކުރުމަށް ބޮޑު މަގަކަށް ވެގެންދާނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ވަސީލަތްތައް ބިނާކުރުމުގައި އެ ކުންފުންޏަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.