ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑް ނަން، “އާބަންކޯ” ބޭނުންކުރުން ހުއްޓައިލަން އެކުންފުނިން ނިންމައިފި އެވެ.
އެޗްޑީސީ ރީބްރޭންޑްކުރުމަށްފަހު “މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ނުވަތަ އާބަންކޯ އަށް ނަން ބަދަލުކޮށް އެކަން އިއުލާން ކޮށްފައިވަނީ ނިމިދިޔަ އަހަރުގެ އޭޕްރީލް 01 ވަނަ ދުވަހުއެވެ.
މިއީ އެޗްޑީސީ އަށް 22 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅުވައިގެން އެކުންފުނިން ގެނައި އަގު ބޮޑު ބަދަލެކެވެ. ކުންފުނި ރީބްރޭންޑްކޮށްފައިވަނީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.
އެޗްޑީސީގެ ފަރާތުން އޭރު މައުލޫމާތު ދެއްވި ގޮތުގައި ކުންފުނި ރީބްރޭންޑްކުރީ ކުންފުނީގެ އެސެޓްތަކުގެ ތެރެއަށް ގުޅިފަޅާއި ތިލަފުށި ހިމެނުމުން ކުންފުނީގެ މަސައްކަތް ހައުސިންއަށް ވުރެ ފުޅާވުމުންނެވެ. ކުންފުނި ރީބްރޭންޑްކޮށްފައިވީ ނަމަވެސް ގާނޫނީ ގޮތުން ކުންފުންޏަށް ކިޔަނީ އެޗްޑީސީ އެވެ. ނަމަވެސް ރީބްރޭންޑްކުރުމާއެކު އެޗްޑީސީގެ ދިދަ ، ޑިސްޕްލޭ ބެނާ ، ކުންފުނީގައި ބޭނުންކުރާ ގަލަމާއި ، ނޯޓް ފޮތް އަދި ފެންބޯ މަގު ހެދުމަށާއި އާބަންކޯ ބްރޭންޑް އިތުރަށް އިޝްތިހާރު ކުރުމުގެ އިތުރުން މުވައްޒަފުންގެ ޔުނީފޯމް ތަކާއި އަދިވެސް ގުޅުންހުރި އިތުރު ކަންތައްތަކަށް އެޗްޑީސީން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެއެވެ.
އެޗްޑީސީން އޭރު އަންދާޒާކުރި ގޮތުގައި އެ ހަރަދުތަކަށް 1.7 މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އާބަންކޯއިން މިއަގުބޮޑު ބްރޭންޑް ބޭނުން ކުރުން ހުއްޓާލަން ވަނީ ނިންމާފައިއެވެ. އަދި އެކަން އަންނަ ބުރާސްފަތި ދުވަހު އިއުލާނުކުރަންވެސް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިބަދަލާއެކު ކުންފުނީގެ އޮފިޝަލް އެއްވެސް ކަމެއްގައި އާބަންކޯގެ ނަން ބޭނުން ނުކުރާނެ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.