އެސްޓީއޯއިން ރާއްޖެ އެެތެރެކޮށް ވިއްކާ އެކި ބާވަތުގެ ތެޔޮ ރައްކާކުރުމަށް މާލެ އަތޮޅު ފުނަދޫގައި ޤާއިމްކޮށްފައިވާ ފިއުލް ސްޓޯރޭޖް މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

ފުނަދޫގައި ޤާއިމްކޮށްފައިވާ ފިއުލް ސްޓޯރޭޖް އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން ނިންމެވީ، އިގްތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެނެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ ފުނަދޫގައި ޤާއިމްކޮށްފައި ހުރި ފިއުލް ސްޓޯރޭޖް މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރުމަށްކަމަށެވެ. އަދި ފިއުލް ފާމް ބަދަލުކުރުމުގެ މަސައްކަތް ކުރާނީވެސް އެސްޓީއޯއިންކަމަށް ނާޡިމް ވިދާޅުވިއެވެ.

"ފުނަދޫގައި ގާއިމްކޮށްފައިވާ ފިޔުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއިން ކުރިއަށްގެންދެވުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމަވާފައި" ނާޡިމް ވިދާޅުވިއެވެ.

ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖް އެހެން ރަށަކަށް ބަދަލުކުރަން ނިންމަވާފައިވާކަން އިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފިޔުލް ސްޓޯރޭޖް ބަދަލުކުރުމުގެ މަސައްކަތް 18 މަހާއި 24 މަސް ދުވަހުގެތެރޭގައި ނިންމާލެވޭނޭކަމަަށެވެ. އަދި އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކޮށް، ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ޤާއިމްކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.