ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްްޔެއް ކަމަށް ވާ ހޯއްގޮވާ ކެއްސުން (ޕާޓޫސިސް) އަށް ރާއްޖޭގެ ދެކުނުން ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބަލި ފެނިފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ.

މި ބައްޔަށް ޕޮޒިޓިވް ވި ކޭސްތަކާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗް އާއި ގއ. އަތޮޅު ހޮސްޕިޓަލުން ގުޅިގެން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ޕާޓޫސިސް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ޕާޓޫސިސް ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ތުއްތު ކުދިންނަށް މީގެ އިތުރުން ވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެއެވެ.،" އެ ބައްޔާ ގުޅޭގޮތުން އެޗްޕީއޭ އިން ބުންޏެވެ.

މި ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޭޖެންސީން ބުންޏެވެ.