ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ދޭންވާ ފުރިހަމަ އެހީތެރިކަން، އާއިލާތަކަށް ދެއްވާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. "އަހާ"ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރައްވަނީ ކޮންމެ މީހަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް ހޯދާދިނުމަށްކަމަށެވެ. އޭގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި މީހުން އާއިލާތަކާއި ގުޅުވާލަ ދިނުންކަމަށެވެ. ވަޒީރު ވިދާޅުވީ ތަފާތު ސަބަބުތަކާހުރެ ދަޢުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ މީހުން އެބަތިބިކަމަށެވެ. އޭގެތެރެއިން ގިނަ މީހުންނަކީ، އާއިލާގެތެރޭގައި ބެލޭނެ ފުދުންތެރިކަން ނުވަތަ ބޯހިޔާވަހިކަމުގެ ދަތިކަން ހުރިގޮތުން ދަޢުލަތުން ބަލަހައްޓަމުންދާ މީހުންކަމަށެވެ. މިއީ އާއިލާތަކުންވެސް އެ ހިތްދަތިކަން އުފުލާ ކަމެއްކަމަށް ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ. އެކަމަށް ލުޔެއް ހޯދައިދީ ހިތްހަމަޖެހިގެން ދިރިއުޅޭ މުޖުތަމަޢެއް ބިނާކުރުމާއި، އެމީހުންނާ އާއިލާތަކާއި އޮންނަ ގުޅުން އިތުރުކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަރުކަޒުން އާއިލާތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން ގިނަ ބަޔަކު ވަނީ އަނބުރާ އެމީހުން އާއިލާއަށް ގެންދިއުމަށް ބޭނުންވެފައި ކަމަށެވެ. އަދި ގެންދަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އާއިލާތަކަށް ދަނީ އެހީތެރިކަން ދެމުން ކަމަށެވެ. ބޭނުންވަނީ މަރުކަޒަކީ ވަގުތީ ތަނެއްގެ ގޮތުގައި ބޭނުންކޮށް، އެމީހުންނަށް އާއިލާއާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.