ތެލަަސީމީއާ އަށް ހާއްސަކޮށް ބިނާކުރަން ނިންމާފައިވާ ހޮސްޕިޓަލް އިމާރާތް ކުރާނީ ހުޅުމާލޭ ދެވަނަ ފޭސްގައި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ހަލީލު ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާކަމަށެވެ. އަދި އެކަމަށް 71،000 އަކަފޫޓުގެ ބިމެއް މިހާރު ލިބިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ތެލަސީމިއާގެ އިތުރުން އާންމު އެހެން ބަލިތަކަށްވެސް ފަރުވާ ދެވޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލް އިމާރާތް ކުރުމަށް މި އަހަރުގެ ތެރޭގައި ފަށްޓަވަން މަސައްކަތް ކުރައްވާނެކަމަށެވެ.

ތެލަސީމިއާ ހޮސްޕިޓަލް އަޅަން އުރީދޫން 100 މިލިއަން ރުފިޔާގެ އެހީއެއް ސަރުކާރަށް ދޭން ނިންމާފައިވެ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ ހޮސްޕިޓަލު ގާއިމުކުރަން 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.