އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް ފަސްކުރުމާއި ގުޅޭގޮތުން އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
މި އިސްލާހަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ އިސްލާހެކެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިޚާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުންކަމަށެވެ. މި ޤާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތަކުގެ ތެރޭގައި ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމެނިފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އިސްލާހުގައިވެއެވެ. މިއަދު ހަވީރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ދެވަނަ ޖަލްސާގައި މި ބިލު ވަނީ މަޖިލީހަށް ބަލައިގަނެ، ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން ފާސްކޮށްފައެވެ.
ކޮމިޓީގައި ހިމެނޭ މެންބަރުން:
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު
- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
އިންތިޚާބާބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާއިރު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ދިމާ ވަނީ ރަމަޟާން މަހުގެ ދުވަހަކާއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު މާރިޗު 17 ގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހާއެވެ. ރަމަޟާން މަހުގެ ދުވަހަކާ އެ ދުވަސް ދިމާވާތީ ސިޔާސީ ޕާޓީތަކުން ވަނީ އިންތިހާބު ފަސްކުރަން ގޮވާލާފައެވެ،







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.