ރާއްޖެއިން ބޭރުގައި ތައުލީމުހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް، ދިވެހި މާއްދާ އަދި އިސްލާމް މާއްދާ ކިޔަވައި ދިނުމުގެ ޕްރޮގްރާމް އަންނަ ހަފުތާގައި ފަށްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ތައުލީމީވުޒާރާގެ ވަޒީރު މިކަން ހާމަކުރެއްވީ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތ.އަތޮޅު ވަންދޫ ރައްޔިތުންނާ ބައްދަލުވުކުރެއްވުމުގެ ތެރެއިން، ވަޒީރު ޝަފީއު ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ޝަފީއު ވިދާޅުވީ ދިވެހި އަދި އިސްލާމަކީ ހަމައެކަނި ދިވެހިރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އުނގަންނައިދޭން ޖެހޭ މާއްދާތަކެއްކަމަށް ރައީސް ޑރ މުއިއްޒު ދެކެވަޑައި ނުގަންނަވާކަމަށާއި، އެހެންކަމާއިއެކު ބޭރުގައި ތިބޭ ދަރިވަރުންނަށް އެ ދެމާއްދާ ކިޔަވައި ދިނުމަށް ޕްރޮގްރާމެއް ރޭވި އަންނަ ހަފުތާތެރޭގައި އެޕްރޮގްރާމް ފެށިގެންދާނެ ކަމަށެވެ.
"އަންނަ ހަފުތާ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގުރާމު ފަށައިގަންނާނަން. މި ޕްރޮގުރާމަކީ ކުރިންވެސް އޮތް ޕްރޮގުރާމެއް. އެހެންނަމަވެސް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ލަންކާގައި އޮތް ޕްރޮގުރާމުވެސް، މެލޭޝިޔާގައި އޮތް ޕްރޮގުރާމުވެސް އޮތީ ހުއްޓިފައި،" ޝަފީއު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވަޒީރު ޝަފީއު ވަނީ މި ސަރުކާރުން ކިޔަވައި ދިނުމަށް ގެންނަމުންދާ ބައެއް ބަދަލުތައް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެކަޑަމިކް އަހަރު ކޮވިޑް 19 ގެ ކުރިން އޮތްގޮތަށް ބަދަލުކުރަމުން ގެންދަވާކަން ހާމަކުރެއްވިއެވެ.
ވަޒީރު ޝަފީއު ވިދާޅުވީ މި ސަރުކާރުން އަލަށް ކިޔަވައިދެން ފެށި ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވެ، ނިމިފައިވާ ކަމަށާއި އަދި 11 ސްކޫލެއްގައި ޕައިލެޓް ޕްރޮޖެޓްގެ ދަށުން މިހާރު ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ވެސް ފަށާފައިވާ ކަމަށެވެ.
މި 11 ސްކޫލުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ރަނގަޅުކޮށް އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔަވައިދިނުމުގެ ތެރޭގައި ޤައުމިއްޔަތު މާއްދާ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވައިދެވިގެންދާނެ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.