ހެނދުނުގެ ވަގުތުތަކުގައި މި އުންމަތަށް ބަރަކާތްލެއްވުމަށް އެދިވަޑައިގެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ދުޢާކުރައްވާފައެވެ. "اللّهُمَّ بَاِركْ لِأُمَّتِيْ فِي بُكُوْرِهَا" (صَحِيْحُ اِبْنِ حِبَّان) މާނައީ: "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހެނދުނުގެ ވަގުތުތަކުގައި ތިމަންކަލޭގެފާނުގެ އުންމަތަށް ބަރަކާތް ލައްވާފަނދޭވެ!"
މި ޙަދީޘްފުޅު ރިވާކުރެއްވި އެއް ބޭކަލަކީ ޞަޚްރުލްޣާމިދީއެވެ. އޭނާއަކީ ވިޔަފާރިވެރިއެކެވެ. ޞަޚްރުލްޣާމިދީ ވިޔަފާރި ޤާފިލާއެއް ރަށަކަށް ފޮނުއްވާ ނަމަ، ފޮނުއްވަނީ ހެނދުނުގެ ވަގުތުގައެވެ. އެއީ މި ދެންނެވި ޙަދީޘްފުޅަށް ޢަމަލުކުރެއްވުމުގެ ނިޔަތުގައެވެ. ޞަޚްރުލްޣާމިދީ މި ގޮތަށް ޢަމަލުކުރެއްވުމެގެ ސަބަބުން އެކަލޭގެފާނުގެ މާލީ ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔަ ކަމަށް މި ޙަދީޘްފުޅު ރިވާކުރެއްވި އެހެން ބޭކަލެއް ކަމުގައި ވާ ޢުމާރަތު ބުނު ޙަދީދު އޭނާގެ ރިވާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ.
ހެނދުނުހެނދުނާ ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ބަރަކާތްލެއްވިފައިވާ ފަދައިން މި ވަގުތުގައި ކުރެވޭ ޖާއިޒު ކޮންމެ ކަމެއްގައި ވެސް ބަރަކާތްލެއްވިގެން ވާނެ ކަމާ މެދަކު ޝައްކެއް ނެތެވެ. އެގޮތުން، ޢިލްމީ މަސައްކަތްތަކުގައި ވެސް ބަރަކާތްލެއްވިގެން ވެއެވެ. ހެނދުނުގެ ވަގުތުތަކުގައި ފިލާވަޅު ދަސްކުރުމުން، އެ ފިލާވަޅު އަވަހަށް ދަސްވެ، ހަނދާނުގައި ހަރުލަން ފަސޭހަ ވާނެއެވެ. އެހެނީ އިންސާނާގެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތްކުރާނީ ދުވަހުގެ ކުރީކޮޅުގައެވެ. އެއީ އޭނާގެ ސިކުނޑި އެންމެ ތާޒާކޮށް ހުންނާނެ ވަގުތެވެ. އަދި އިންސާނާގެ މަޢުނަވިއްޔާތު އެންމެ ވަރުގަދަކޮށް ހުންނަނީ ވެސް ދުވަހުގެ ކުރީކޮޅުގައެވެ. އަވަހަށް ނިދައި، އަވަހަށް ހޭލަން އިސްލާމްދީން ބާރުއަޅުއްވަނީ މިހެންވެއެވެ. މާތް ﷲ ރޭގަނޑުގެ ވަގުތު ލެއްވީ ރޭއަޅުކަން ކުރުމާއި، އަރާމު ކުރުމާއި، ނިދުމަށެވެ. މާތް ﷲ ދުވާލުގެ ވަގުތު ލެއްވީ، ދިރިއުޅުމަށް މަސައްކަތް ކުރުމާއި އުޅުމާއި ގުޅުން ބަދަހި ކުރުމާއި ޙަލާލު ރިޒުޤު ހޯދުމަށެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އިރު އަރަންދެން ޒިކުރު ކުރަން އިނުމުގެ މާތްކަން ބަޔާން ކުރައްވަމުން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ. "مَنْ صَلَّى الغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ" (رَوَاهُ التِّرْمِذِيُّ وَحَسَّنَهُ الأَلْبَانِي.) މާނައީ: "ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށް ފަހު އިރުއަރަންދެން ޒިކުރުކުރުމުގައި އިނުމަށް ފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފި މީހާއަށް ޙައްޖަކާއި ޢުމުރާއެއް ވުމުގެ އަޖުރު ހުއްޓެވެ."
ހެނދުނުގެ ވަގުތުތަކުގައި ޒިކުރު ކުރުމުގެ ސަބަބުން ތިބާއަށް ލިބޭ ތާޒާކަން މުޅި ދުވަހަށް ދެމިގެންދާނެއެވެ. ހެނދުނުގެ ނާސްތާއިން ތިބާގެ ޖިސްމަށް ހަކަތަ ލިބޭ ފަދައިން، ހެނދުނުހެނދުނާ ޒިކުރުކޮށް، ޤުރުއާން ކިޔަވާ ނަމަ، ތިބާގެ ހިތާއި ރޫޙަށް ދިރުން ލިބި، އުފެއްދުންތެރި ދުވަހަކަށް މަގުފަހިވެގެން އަންނާނެއެވެ. ދުވަހުގެ ކުރީކޮޅު، މާތް ﷲ ގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ މަތިވެރިކޮށްދެނިވި ކަންކަމުގައި މަޝްޣޫލުވާށެވެ. އޭރުން މުޅި ދުވަސް މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ހޭދަކުރުމުގެ ތައުފީޤު ލިބިގެންދާނެއެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.