ސިޓްރަސް ފުރުޓްސްގެ ތެރޭގައި ހިމެނޭ ލުނބޮޔަކީ އަހަރުމެން އެންމެންގެ ސުފުރާއާއި ދާދި ރައްޓެހި މޭވާ އެކެވެ. އޮރެންޖު އާއިލާގެ ތެރޭގައި ހިމެނޭ ލުނބޮޔަކީ ކާތަކެތީގެ ރަހަގަނޑު މީރުކުރަން އަދި އެކި ޒާތްޒާތުގެ ފަނިތައް ތައްޔާރުކުރުމުގެ އިތުރުން މޫނުގައި ހުންނަ ބިހިތައް ނައްތާލުމަށް ވެސް އެކި މީހުން އެކިގޮތްގޮތަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ.
ލުނބޮޔަކީ ގުދުރަތީ ވިޓަމިން ސީ ވަރަށް ގިނަ މިންވަރަށް އެކުލެވޭ އެއްޗެކެވެ. ދުވާލެއްގެ މައްޗަށް ބޮޑު މީހެއްގެ ހަށިގަނޑަށް 65 އާއި 95 މިލިގްރާމްގެ މިންވަރަށް ވިޓަމިން ސީ ބޭނުންވެއެވެ. އާދައިގެ ލުނބޮޔެއްގައި ގާތްގަނޑަކަށް 18 މިލިގްރާމުގެ ވިޓަމިންސީ ހިމެނޭއިރު ހަށިގަނޑަށް އެހާމެ މުހިއްމު މި މާއްދާ ހޯދުމަށް ކެއުމުގައި ލުނބޯ ބޭނުންކުރާ މިންވަރު އިތުރުކުރާށެވެ. މީގެ އިތުރުން ފައިބަރ، މިނެރަލްސް އަދި އެތައް ވައްތަރެއްގެ އެންޓައި އޮކްސިޑެންޓް މާއްދާތައް ލުނބޯގައި ހިމެނެއެވެ. މި އާޓިކަލްގައި މި ބަލާލަނީ ލުނބޯގައި ހިމެނޭ ސިއްޙީ ފައިދާތަކުގެ ތެރެއިން ބައެއް ފައިދާތަކަށެވެ.
ލޭގެ ޕްރެޝަރު އަދި ކޮލެސްޓްރޯލް ދަށްކޮށްދޭ
ލުނބޮޔަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއް ގުނަވަން ކަމުގައިވާ ހިތާއި ރައްޓެހި އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގަވައިދުން ކެއުމުގައި ލުނބޯ ބޭނުންކުރާނަމަ އެމީހެއްގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރު ވެސް ހިފަހައްޓައިދީ ލޭނާރުތައް ވަރުގަދަކޮށްދެ އެވެ. ލުނބޯގައި އެކުލެވޭ ސިޓްރަސް އެސިޑަކީ ހިތައް ޖެހޭ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީވެދޭ މާއްދާއެކެވެ.
ގުރުދާގެ މައްސަލަތަކަށް ހައްލެއް
ކެއުމުގައި ލުނބޯ ހިމެނުމުން ގުރުދާގައި ހިލަ އުފެދުމުން މީހާ ދުރުކޮށްދިނުމުގައި އެހީވެދެއެވެ. ލުނބޯ ހުތުގެ ސަބަބުން ހަށިގަނޑުގައި ޕީއެޗް ލެވެލް މަތިވެ ގުރުދާގެ މަސަތްކަތްތައް ހަލުއިކޮށްދީ ލޭ ސާފުކުރުމުގައި އެހީތެރިވެދެއެވެ.
ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުވުމުން
ލުނބޯގެ ސަބަބުން ލިބޭ ފައިދާތަކުގެ ތެރޭގައި ކާތަކެތި ހަޖަމު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދިއުން ހިމެނެއެވެ. ކާތަކެތި ހަޖަމުކުރުމަށް ހަށިގަނޑުން އުފައްދާ ގޭސްޓްރިކް ޖޫސް އުފެއްދުމުގައި އެހީވެދޭ ލުނބޯހުތް ގަވާއިދުން ކެއުމުގައި ހިމަނާނަމަ ބަނޑު ހަރުވެގެން ދިމާވާ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ އެވެ. ފާހާނާ އަށް ދާން ބޭނުންނަމަ ހެނދުނު ހެނދުނާ ހޫނު ފެން ތައްޓަކަށް ލުނބޯހުތް އަޅައިގެން ބޯލާށެވެ. ގަވާއިދުން މި ބުއިން ބޯނަމަ ބަނޑުގައި ހުންނަ އެސިޑްކަން ފިލުވައިދީ، ޔޫރިކް އެސިޑްތައް ބޭރުކުރުމަށް އެހީވެދެ އެވެ.
ބަރުދަން ލުއިކުރުމުގައި އެހީވެދޭ
ލުނބޮޔަކީ ބަރުދަން ލުއިކުރުމުގައި ވެސް އެހީވެދޭ އެއްޗެކޭ ބުނެފިއްޔާމުން ހައިރާންވާނެ ހެއްޔެވެ؟ މިއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ލުނބޮޔަކީ ހަށިގަނޑުގެ މެޓަބޮލިޒަމް މަތިކޮށްދޭ އެއްޗެކެވެ. މާނައަކީ ކާއެއްޗެހި އަވަހަށް ހަކަތައައް ބަދަލުކޮށްދިނުމުގައި ލުނބޯހުތް އެހީތެރިވެދެއެވެ. ދިރާސާއަކުން ދައްކާގޮތުން ލުނބޯގައި ހިމެނޭ އެންޓި އޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދީ އިންސުލިން ރެސިސްޓަންސް ގެ މިންވަރު ރަނގަޅު ކޮށްދެ އެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ސަޔަށް ލުނބޯހުތް އަޅައިގެން ބޯ މީހުންނެވެ. ހެނދުނުގެ ނާސްތާގެ ކުރިން ސަޔަށް ނުވަތަ ތާފަނާ ފެން ތައްޓެއްގެ ތެރެއަށް ނަމަވެސް ލުނބޯހުތް އަޅައިގެން ބޯން އާދަކޮށްފި ނަމަ ބަރުދަން ލުއިވާން އަވަސްވެ ފަސޭހަވެގެން އެވެ. ހިކެން މަސަތްކަތްކުރާ މީހުން މިގޮތަށްވެސް އަޖުމަ ބަލާލުން ރަނގަޅެވެ.
އެކި އެކި އިންފެކްޝަންތަކުން ހަށިގަނޑު ސަލާމަތްކޮށްދިނުން
އިންސާނާގެ ހަށިގަނޑު ހުންނަނީ އަބަދުވެސް އެކިއެކި އިންފެކްޝަންސްތަކަށް ހުޅުވިފައެވެ. އެހެންކަމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންކުރެވިދާނެ އެކައްޗަކީ ލުނބޮޔެވެ. ލުނބޮޔަކީ އެންޓައި ބެކްޓީރިއަލް އަދި އެންޓައި އިންފްލެމޭޝަން މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މިއީ ވިޓަމިންސީން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދީ އާ ސެލްތައް އުފެއްދުމުގައި އެހީތެރިވެދެއެވެ.
ޚިޔާލު (1)
ހައިބަނޑާ ތިފަދަ އެސިޑިކް އެއެްްޗެއް ބޯންފަށައިފިއްޔާ ގޮހޮރު ފޫވެއްޓޭނީ. މިހާރުވެސް ހިމަވާން ވެގެން ޑޮކްޓަރ އޮޒް ކަހަލަަ މެޑިކަލް ނޫން ހިތުން ޑޮކްޓަރުންނަށް ވެގެން އުޅޭ މީސްމީހުން ބުނާގޮތް ހަދަން ހައިބަޑާ އޮރެންޖު ދިޔައާ އެޕަލް ސިޑާ ވިނިގާ އެއްކޮއް ބޮއެ ދަތްތަކުގެ ބޭރު ފަށަލަ ހަލާކުވެ، ކަށިފީވެ ގޮހޮރު ފާރުކޮއްލައިގެން އެބަ އުޅޭ. އެމީހުންގެ ޑޮކްޓަރުންނަކީ ފެޝަން މެގަޒިން އާޓިލްސް އާ ގޫގުލް އާ، އޮޮޕްރާ ފަދަ މީހުން އެންޑޯސް ކޮއްގެން ގެންގުޅޭ ފޭކު މީހުނާ އެކުގަ ޅަވެގެން ތުއިތެޅޭ 50 މަތީ އަންހެނުން.