އައްޑޫ ސިޓީ ކައުންސިލް އޮންނާނީ ސަރުކާރާއެކު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށާއި، އެ ސިޓީގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލް އޮންނާނީ ސަރުކާރާ އެކުގައި ކަމަށް ނިޒާރު ވިދާޅުވިއެވެ.

މޭޔަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި އައްޑޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ ކަންކަމުގައި އައްޑޫ ސިޓީގެ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެ ކަމަށާއި، އައްޑޫ ސިޓީ އޮންނާނީ އަބަދުވެސް ސަރުކާރާ އެކީގައި ކަމަށެވެ. އަދި، ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ހިންގޭނީ ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުންދީ ސަރުކާރާ އެކީގައި މަސައްކަތް ކުރުމުން ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ކައުންސިލްތަކާއި މަޝްވަރާކޮށްގެން ކަންކަން ނިންމާ ކުރަމުން ގެންދާ ސަރުކާރެއްކަމަށެވެ. އަދި ކައުންސިލްތަކުން އެގޮތަށް ސަރުކާރުގެ މަޝްވަރާތަކަށް އެއްބާރުލުންދީގެން ކުރިއަށް ގެންދާނަމަ ތަރައްގީ އަށް ކުރެވޭ ކަންކަން ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ނިޒާރު ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލަކުންވެސް ސަރުކާރަށް އެއްބާރުލުންދިގެން ކުރިއަށް ދިއުމަށް ގޮވާލައިފައެވެ.