ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
ދެކުނުގެ ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލައް ސިޓިއަށް ވަޑައިގެންނަވައި އެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު ފައްޓަވައިދެއްވި އިރު މި މަޝްރޫއުގެ ދަށުން އެ ސިޓީގައި ތާރު ނޭޅި ހުރި ކުދި މަގުތަކުގައި ތާރު އަޅާނެއެވެ. މިގޮތުން އެ މަސައްކަތުގެ ތެރެއިން 50 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު އެއީ 12.7 ކިލޯ މީޓަރު ސަރަހައްދެކެވެ.
ފުވައްމުލައް މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހިގެ މަސައްކަތަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ. މިއީ ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއަކަށްވާއިރު، މި މަޝްރޫއަށް 255.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމް ގާއިމު ކުރުމާއި 650 ކޭބަލް ޖަންކްޝަން ބޮކްސް ވަޅުލުމާއި 13،964 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 24،345 މީޓަރުގެ ކަބް ސްޓޯން ހަރު ކުރުމާއި ގަސްހަރު ކުރާ ޕިޓްސް ވަޅުލުމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މީގެ ކުރިން މައުލޫމާތު ދީފައި ވެއެވެ.
އޭގެ އިތުރުން 633 މަގު ބައްތި ހަރު ކުރުމާއި މަގުމަތީ ނިޝާން ހަރު ކުރުމާއި ކަފިހި ހުރަސް ކުރެހުމާއި ސްޕީޑް ބްރޭކަރު ހަރު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭ ހިމެނޭ ކަމަށް އެއިރު އެ ކުންފުނިން މައުލޫމާތު ދީފައި ވެއެވެ.
ފުވައްމުލަކު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ އެ ސިޓީގެ ރިންގރޯޑް ހިމެނޭހެން ބޮޑެތި 31 މަގެއްގައި ތާރު އަޅައި ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
އާބާދީގައި 14،200 މީހުން ދިރިއުޅޭ ފުވައްމުލައް ރައްޔިތުން އާމްދަނީ ހޯދުމަށް އާންމު ގޮތެއްގައި މަސައްކަތް ކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމް އަދި ސަރުކާރާ ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކެވެ. ގިނަ ބަޔަކު އަބަދު ވެސް ބޭނުން ކުރާ ފުވައްމުލަކު މަގުތަކުގައި ވިއްސާރަވުމުން ފެން ހެދުމާއި ޗަކަ ވަޅުގަނޑުތައް ހެދުމުގެ މައްސަލައަކީ މި ރަށު ރައްޔިތުންނަށް ދިމާވެފައިވާ ހައްލު ކުރަން ދަތި މައްސަލައެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.