ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 294،000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި 295،678 ބިދޭސީން އުޅެމުންދިޔަކަމަށެވެ. ނަމަވެސް އޭގެތެރެއިން 27،200 ބިދޭސީން ފިޔަވައި، ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ އެއްވެސް ވަސީލަތެއް ދައުލަތުގެ އެއްވެސް އިދާރާއަކު ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ 27،200 ބިދޭސީން ފިޔަވައި ރާއްޖޭގައި އުޅެމުންދިޔަ 270،000އެއްހާ މީހުންނަކީ ކާކުކަން ނޭނގޭ މީހުންކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 294،000 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށެވެ. އަދި މިހާރު ކަންބޮޑުވާ ހާލަތުގައި އައިޑެންޓިފައިނުވެ ތިބީ، އެންމެ 1,102 މީހުންކަމަށް ވިދާޅުވިއެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން މިހާރު ރާއްޖޭގައި އަޅުގަނޑުމެން ކަންބޮޑުވާ ހާލަތުގައި އައިޑެންޓިފައި ނުވެ ތިބީ 1102 މީހުން. މާނައަކީ ކުރީގައި 295،000 މީހުންގެ ތެރެއިން 294،000 މީހުންގެ މަޢުލޫމާތު ވާނީ އެއްކުރެވިފައި،" ވަޒީރު ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި، ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.