ބަރުދަން ލުއިކޮށް، ހިކެން ބޭނުންވާ މީހުންނަށް އެންމެ އާންމުކޮށް ދެވޭ އިރުޝާދުތަކުގެ ތެރޭގައި ޑައިޓުގެ ތެރެއަށް އޯޓްސް ގެންނަން ބާރު އަޅަ އެވެ.
ހޯލް ގްރެއިންގެ ތެރޭގައި ހިމެނޭ ކާނާގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާހުރި އެއް ބާވަތުގެ ގޮތުގައި ފާހަގަކުރެވިފައިވާ އޯޓްސް އަކީ ސިއްހީ ފައިދާތައް ގިނަ އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން 100 ގްރާމުގެ އޯޓްގައި 10 ގްރާމްގެ ފައިބަރު، 352 މިލިގްރާމްގެ ކެލްސިއަމް އަދި 359 ގްރާމްގެ ޕޮޓޭސިއަމް އެކުލެވެ އެވެ. ކެލްސިއަމާއި ޕޮޓޭސިއަމަކީ ވަކިން ހާއްސަކޮށް ލޭގެ ޕްރެޝަރު ދަށްކޮށްދޭން ބާރު އަޅާ ދެ މާއްދާ އެވެ.
ލޭގެ ޕްރެޝަރު މަތިވާ ނަމަ ކެއުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވަހުގެ ފުރަތަމަ ނާސްތާ، އޯޓްސް އެކުލެވޭ ކެއުމަކުމް ފަށައިފި ނަމަ ލޭ މައްޗަށް ދިއުމުން ރައްކާތެރިކޮށްދެ އެވެ. އޯޓްސްގައި ހިމެނޭ އަވެނަންތްރަމައިޑްސް ކިޔާ އެންޓައި އޮކްސިޑަންޓް މާއްދާއެއްގެ ސަބަބުން ހަށިގަނޑުގައި ނިޓްރިކްއޮކްސައިޑް ގޭސް އުފައްދާލެއް ގިނަކޮށްދެއެވެ. މި ގޭހަކީ ލޭ ނާރުތައް ހިމަވުމުން ދުރުކޮށްދީ ލޭ ދައުރުވާ ނިޒާމު ފަސޭހަ ކުރުމުގައި އެހީތެރިވެދޭ ގޭހެކެވެ. އަނެއްކޮޅުން އޯޓްސް ބޭނުން ކުރުމުން ނުރަނގަޅު ކޮލެސްޓްރޯލުން ރައްކާތެރިކޮށްދީ، ރަނގަޅު ކޮލެސްޓްރޯލް ލެވެލް ބަރާބަރުކޮށް ދޭނެ އެވެ.
ގަވައިދުން އޯޓްސް ކާނަމަ ބަނޑުގައި ގުޑް ބެކްޓީރިއާ އުފެދޭލެއް ގިނަވެ ހަޖަމުގެ ނިޒާމަށް ޖެހޭ ބަލިތަކުން މީހާ ދުރުކޮށްދެއެވެ. އޯޓްސްގައި ފައިބާ އަދި ހެލްތީ ފެޓްސް ގިނަވުމުގެ ސަބަބުން މީހާގެ ބަނޑު ފުރުވާލައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދެއެވެ. މީގެ އިތުރުން ބަނޑު ހަރުވުން، ބަނޑުގައި ގޭސް އުފެދުން ފަދަ މައްސަލަތަކަށް ވެސް އޯޓްސްގެ ސަބަބުން ލުޔެއް ލިބިގެންދެ އެވެ.
އޯޓްސް އިން ލިއްބައިދޭ އަނެއް ފައިދާ އަކީ ބަރުދަން ލުއިވުމެވެ. އޯޓްސް ކެއުމުން ގިނައިރު ވަންދެން ބަނޑު ފުރާލާތީ ދުވާލަކު އެވެރެޖު ގޮތެއްގައި ކެވޭލެއް މަދުވެއެވެ. މީގެ ސަބަބުން ބަރުދަން ލުއިކުރުމުގައި ފަސޭހަވެގެންދެއެވެ.
އޯޓްސް އަކީ ބައެއް މީހުންނަށް އެހާ ކަމުދާ އެއްޗަކަށް ނުވެ އެވެ. އެކަމަކު މިއީ ކާ ހިތްވާ ކަހަލަ ގޮތަކަށް ތައްޔާރުކޮށްގެން ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިސާލަކަށް ހަކުރު ނާޅައި، އޯޓްސްގެ ތެރެއަށް އެކި ކަހަލަ މޭވާގެ ބާވަތްތައް ވެސް އަޅާލައިގެން މީރު އެއްޗެއް ތައްޔާރުކޮށްލެވި ދާނެ އެވެ. ޕީނަޓް ބަޓާ އޯޓް ބޯލް، ބަނާނާ ވިތް ޔޯގާޓް އޯޓް ބޯލް އަކީ މަދު އިންގްރީޑިއެންޓެއް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ފަސޭހަ މީލް ތަކެވެ.

އޯޓްސް ކާން އުނދަގޫ ނަމަ، މި ބޭނުން ކުރެވިދާނެ އެހެން ގޮތެއް ވެސް އެބަ އޮތެވެ. އެއީ އޯޓްސް މިލްކް ނުވަތަ ކިރު ތައްޔާރުކޮށްގެން ބުއިމެވެ. އޯޓްސް އިން ކިރު ތައްޔާރު ކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ބްލެންޑަރަކަށް އޯޓްސް އާއި ފެން އަޅައި ގިރައިލާފައި، ފުރާނާލުމުން އެހެރީ އޯޓްސް މިލްކް ތައްޔާރު ކުރެވިފަ އެވެ.
މި ބުއިމަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީނާއި ފައިބަރުން މުއްސަނދިވެފައިވާ އެއްޗެކެވެ. އޯޓް މިލްކަކީ ގުދުރަތީ ގޮތުން ގްލޫޓެން ފްރީ އެއްޗަކަށްވާތީ ކިރުގެ ބާވަތްތަކުގައި އާންމުކޮށް ހިމެނޭ މާއްދާތާ މި ކިރަކު ނުހިމެނޭނެ އެވެ. އޯޓް މިލްކަކީ ކިރުގެ ބާވަތްތަކުން ބައެއް މީހުންނަށް ކުރިމަތިވާ ސައިޑް އިފެކްޓްސްތަކުން ރައްކާތެރިކޮށް ދޭނެ އެއްޗެކެވެ. އެގޮތުން މިއީ އެލާޖިކްވާ މީހުންނަށް ވަރަށް ރަނގަޅު ބުއިމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އޯޓްސް އެކޭ އެއްގޮތަށް އޯޓް މިލްކުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ޕްރޮޓީން، ވިޓަމިން އޭ/ޑީ، ކެލްސިއަމް ޕޮޓޭސިއަމް، ރިބޯފްލެވިން އަދި އަޔަން ހިމެނެ އެވެ. އަދި މީގައި އެކުލެވޭ ފައިބާގެ މާއްދާއެއް ކަމަށްވާ ބީޓާ-ގުލުކަންއަކީ ހިތަށް ދިމާވާ އެކި ސިއްހީ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދޭން ބާރު އަޅާ އެއްޗެކެވެ. ހުސް އޯޓް މިލްކް ބޯން އުނދަގޫވާ ނަމަ ސްމޫތީ ކަހަލަ އެއްޗެއް ހަދާ އިރު، މި ކިރު ބޭނުންކޮށްލެވިދާނެ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.