މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ ނިޔާވެއްޖެއެވެ.

އުމުރުން 19 އަހަރުގެ އެޒުވާނާ ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.

ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެޒުވާނާ ދުއްވި ސައިކަލްޖެހި އެކްސިޑެންޓްވެފައި ވަނީ، މި މާރިޗު މަހުގެ ތިންވަނަ ދުވަހުގެ ރޭގެ މެންދަމުން އަލިވެ 2:00 ޖެހިފަހުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލެ ފޭސް 1 ގެ ގުލްއަލާ މަގުގައި އެ އެކްސިޑެންޓް ހިނގާފައި ވަނިކޮށް، ހުޅުމާލެ ތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ފެނިފައި ވަނީ އެރޭގެ މެންދަމުން އަލިވެ 2:30 ހާއިރުގައެވެ.

އެ އެކްސިޑެންޓްގައި ޒުވާނާ ދުއްވި ސައިކަލު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.