ސަރުކާރުން މަސައްކކަތް ކުރަނީ އިޤުތިޞާދީ ބޮޑު އަނދަވަޅަކުން ޤައުމު ނަގާ ކޮޅަށް ޖަހަމުން، އެއާއެކީގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ "ޖަގަހަ ޖަލްސާ"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ވެއްޓިފައި އޮތް ބޮޑު އަނދަވަޅުން ސަލާމަތްކޮށް، ޤައުމު ކޮޅަށް ޖަހަމުން، އެއާއެކީގައި ތަރައްޤީގެ މަޝްރޫޢުތައް ވެސް ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒު ކަމަށާ އަދި މިހާރު އެ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި، ރައްޔިތުންނަށް އެންމެ މުހިންމު ހުރިހާ މަޝްރޫއުތައް އެމަނިކުފާނު ރިޔާސީ ދައުރު ނިމުމުގެ ކުރިން، ނިންމަވައިދެއްވާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އިޤުތިޞާދު ރަނގަޅުކުރުމާއެކު، އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު މަތިކޮށް، ޒުވާނުންނާއި އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުން ކަމަށް ވިދާޅުވެ ރައީސް ވަނީ، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިފައިވާ ކަމަށެވެ.
ހަމަ އެހެންމެ މި ސަރުކާރުގެ ވޭތުވެދިޔަ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢު ނިންމާފައިވާއިރު އެއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ މުއްދަތުގައި ނިންމި 285 މަޝްރޫޢާއި، އޭގެ ކުރީ ސަރުކާރުން ނިންމި 321 މަޝްރޫޢާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1635 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާ ަލއްވަމުން ވަނީ، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކެއް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހާސިލްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.