ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއަކު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް  މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ހުޅުމާލޭ ޖަލުޤައި ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް މިރޭ ނިޔާވެފައިވަނީ ރ. މަޑުއްވަރީ ވިންޑްމާގޭ އުމުރުން 44 އަހަރުގެ އަޙްމަދު އިޖާޒު ކަމަށެވެ.

މާރިޗް 8 ވަނަ ދުވަހު އަޙްމަދު އިޖާޒަށް ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އެހޮސްޕިޓަލުގެ އީއާރްގައި އެޑްމިޓްކުރެވުނުކަމަށާއި، އޭނާގެ ބަލިހާލަތު ހުރިގޮތުން ޖެހިގެންއައި ދުވޗަހު އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާދޭން ފެށިކަމަށް ކަރެކްޝަނަލް ސަރވިސުންވަނީ ވިދާޅުވެފައެވެ. އަދި ޙާލަތު އިތުރަށް ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވާކަމަށާއި، އޭނާ ނިޔާވެފައިވަނީ މިރޭ 23:30 ހާއިރު ކަމަށް އައިޖީއެމް ހޮސްޕިޓަލާ ހަވާލާދީ ކަރެކްޝަނަލް ސަވިސުން ވިދާޅުވިއެވެ.

އަޙްމަދު އިޖާޒް އަކީ ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރުމަށް 7 މާރިޗު 2024 ގައި ހުޅުމާލޭ ޖަލަށް ގެނެވުނު މީހެއްކަމަށް އެސަރވިސުން މަޢުލޫމާތުދެއެވެ.

އަޙްމަދު އިޖާޒު ނިޔާވުމާ ގުޅިގެން އެކަން ވަގުތުން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދެއްވިއެވެ.