ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން، އެ ގައުމުގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ފާސްވީ ހާޒިރުވެ ތިއްބެވި 41 މެންބަރުންގެ ވޯޓުންނެވެ.

މި ގަރާރަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރުގައި އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އެ ގައުމުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިސްރާއީލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ވަނީ ގޮވާލާފައެވެ.

މިފަދަ ގަރާރެއް މަޖިލީހުން ފާސްކޮށްފައިމިވަނީ އެކަމަށް ދިވެހީންގެ ގިނަ ބަޔަކު ގޮވާލަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.