މާލެ ސަރަހައްދަށް މިއަދު އިހްސާސްކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގައި ކަމަށް ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ. މިއީ އިހުސާސް ކުރެވޭ ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މެޓް އޮފީހުން ވިދާޅުވި ގޮތުގައި މިދިޔަ މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްތަކެވެ. އެގޮތުން ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މިދުވަސްވަރު ހޫނުގަދަވި އިރު، އެ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ. އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައި ވެއެވެ.

heat

މިއަދުގެ ފިނި ހޫނުމިނަށް ބަލާއިރު ދެކުނުގެ އަތޮޅު ތަކަށްވުރެ މެދުރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް ހޫނުމިން ހުރީ 40 ޑިގްރީއަށްވުރެ މަތީގައެވެ. އެގޮތުން މިއަދު 14:00 ގައި އިހުސާސްކުރެވޭ ފިނިހޫނުމިނަށް ބަލާއިރު:

  • ހުޅުލެ - 46
  • ހަނިމާދޫ - 40.7
  • ކައްދޫ - 40.8
  • ކާޑެއްދޫ - 37.7
  • ގަން - 35.9 އަށް އަރައެވެ.

ފިނި ހޫނުމިނަށް ބަލާއިރު އެންމެ މަތީގައި އުޅެނީ މާލެ ސަރަހައްދުގައެވެ. އެއީ 33.5 ޑިގްރީއެވެ. ހަމިނާދޫގެ ފިނި ހޫނުމިން 32.1 ޑިގްރީގައި އުޅޭއިރު ކައްދޫގައި ފިނި ހޫނުމިން އުޅެނީ 31.9 ޑިގްރީގައެވެ. އަދި ކާޑެއްދޫގައި 30.0 ޑިގްރީ، އައްޑޫ ސިޓީ ގަމުގައި 29.4 ޑިގްރީގައި ފިނި ހޫނުމިން އުޅޭ ކަމަށް މެޓްއިން ވިދާޅުވެއެވެ.