ރައްޔިތުންގެ މަޖިލީހަށް ވަކި އަދަދަކަށް ޒުވާނުންނާއި އަންހެނުން އިންތިޚާބު ކުރަންޖެހޭ ގޮތަށް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހާއެކު، އިންތިހާބީ މަގާމުތަކުން މި ދެ ގިންތީގެ ފަރާތްތައް ބާކީވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ ކަންކަމުގައި ޒުވާނުންނާއި އަންހެނުންނަށް ބަސްބުނެވޭނެ ގޮތް ނިޒާމުގެ ތެރޭގައި ކަށަވަރުކަމާއެކު ކަނޑައަޅަންޖެހޭ ކަމަށެވެ. ރާއްޖޭގެ ލިޔެކިޔުންތަކުގައި ހަމަހަމަ ފުރުސަތު އޮތް ނަމަވެސް، އިންތިޚާބުތަކުގައި އެ މަންޒަރު ނުފެންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހުގެ ގޮނޑިތަކަށް ޒުވާނުންނާއި އަންހެނުން ކުރިމަތިލި ނަމަވެސް ވޯޓުލުމުގެ މަރުހަލާގައި އެ ފަރާތްތައް ބާކީވަމުންދާ ކަމަށެވެ.

މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޤާނޫނުއަސާސީއަށް އިސްލާހު ގެންނަވައިގެން، މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށް އަދި ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައަޅުއްވަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ލިޔެކިޔުމުގައި ހަމަހަމަ ފުރުސަތު އެބައޮތް. ޒުވާނުން ނޫނިއްޔާ އަންހެން ބޭފުޅުން ކުރިމަތިލާ. އެކަމަކު ކުރިމަތިލީމަ ވޯޓު ލިބޭގޮތުން މި ފަރާތްތައް ބާކީ އެބަވޭ. ވަރަށް މަދު ފަހަރަކު އަދި އަމުދުން އަންހެނަކު ހޮވޭނީ،" ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަށް ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ޒުވާނުންގެ މަޖިލިސް" އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މިއީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުސަތު ކަމަށާއި، މި މަޖިލީހަށް މެންބަރުން ހޮވާނީ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއެއްގެ ޒުވާނުން ވޯޓުލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާ ދުވަސްވަރު ޒުވާނުންގެ މަޖިލިސް އެއްވެ، މަސައްކަތްކުރާ ގޮތަށް ކަންކަން ހަމަޖެއްސެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. މީގެ ބޭނުމަކީ ޒުވާނުންނަށް ހަގީގީ މާނައިގައި ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ މިނިވަންކަން ހޯދައިދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.