ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ހަތަރު ވަޒީރަކު ސައުދީއަށް ވަޑައިގެންފިއެވެ. މި މަޝްވަރާތަކަށް ސައުދީ އަރަބިއާއަށް ވަޑައިގެންނެވީ ފިނޭންސްއާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަފީގް އާއި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއެވެ. އަދި ޚާރިޖީ ކަންކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އާއި އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު އެވެ. މާލީ ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބެންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އޭގެތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ހިމެނެއެެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ތަރައްޤީކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ދާހިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ވަޒީރު ޒަމީރާއި ވަޒީރު ސައީދު ސައުދީއަށް ވަޑައިގެންނެވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ލީޑަރުން އެއްތަނަކަށް އެއްވެ، ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަސް އެ ވުޒާރާއިން ބުނެއެވެ.
މީގެ ތެރެއިން ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ އަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް ހިމެނޭ ކަމަށެވެ. ސަރުކާރުގެ ވަފްދުގެ ބޭފުޅުން ވަނީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ރައީސްއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ފަންޑުގެ އެހީތެރިކަމާއެކު ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލްގެ އިތުރުން، ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ސީއީއޯ އަރިހަށްވެސް ސަރުކާރުގެ ވަފްދުގެ ބޭފުޅުން ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތުގައި ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ އެހީގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުންނާއި، ދެ ފަރާތުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ބާއްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.