"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދު ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ޕޮލިސް ސަރވިސް، ވެމްކޯ އަދި މޯޕާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ހުޅުމާލެއަކީ ކުނިބުނިން ސަލާމަތްވެފައިވާ ސާފުތާހިރު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ބޭނުންވަނީ މަގޭ ހުޅުމާލެ، މިޝިއާރުގެ ދަށުން އެއީ މަގޭވެސް ހުޅުމާލެއޭ ސާފުތާހިރު ރަނގަޅު މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދި އަޅުގަނޑުމެންގެ ދަރިންނަކީވެސް އެންމެ ރަނގަޅު ގޮތުގައި ބޮޑުވެގެންދާ މާހައުލަކަށް ހުޅުމާލެ ބަދަލުކުރުން" ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މި ސަރަހައްދުގައި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި، އާންމުންނަށް އިށީނދެލައިގެން ތިބެވޭނެ ފަދަ ހިތްގައިމު ބަގީޗާތަކާއި މައިޒާންތައް ބިނާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާޤް ވިދާޅުވީ، މި ސަރަހައްދު ސާފުކޮށް ނިމުމާއެކު އެތަން އިތުރަށް ފެހިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ސަރަހައްދު ސާފުކުރުމަށްފަހު އެތަނަށް ކުނި އަޅާ ފަރާތްތައް ދެނެގަތުމަށް ކެމެރާ ސިސްޓަމްތައް ބޭނުންކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކެމެރާތައް ލައިވްވާ ހިސާބުން އެފޮޓޯ އަޅުގަނޑުމެންނަށް ފެންނާނެ. ފެނުނީމަ ފިޔަވަޅު އަޅާނެ" ރައްޒާޤް ވިދާޅުވިއެވެ.

މަދިރި މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ހިންގާ މި ޕްރޮގްރާމުގެ ދަށުން ސާފުކުރުމުގެ އިތުރުން ފޮގު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. "މަދިރިން ރައްކާ" ޕްރޮގްރާމްގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.