އިންޑިއާގެ މާކެޓު ދިވެހިރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިއްމު ކަމަށާއި އެ ގައުމުން އަންނަ ފަތުރުވެރިންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ ދުބާއީގައި މިހާރު ހިނގަމުން އަންނަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރިކަމާއި އަމަން އަމާންކަން ކަމަށާއި އިންޑިއާއިން އަންނަ ފަތުރުވެރިންނަށް ވެސް އެފަދަ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއަކީ ބޮޑު އާބާދީއެއް އޮންނަ ގައުމަކަށްވާ އިރު އެއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ.

މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވެފައިވާއިރު މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާ މި ވަގުތު އޮތީ ލިސްޓުގެ ހަ ވަނައިގައެވެ. އެ ގައުމުން މިހާތަނަށް އައީ 44،000 ޓޫރިސްޓުންނެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ ޖުމުލަ އަދަދުގެ 5.5 ޕަސެންޓެވެ.