އިސްލާމް ދީނުގައި އަންހެނުން ޒީނަތްތެރިވުމުގެ ގޮތުން ނޭފަތް ތޮރުފުމަކީ ހުއްދަކަމެކެވެ. ނަމަވެސް ހިލޭ ފިރިހެނުންނައް ޒީނަތްތެރިކަން ފާޅުކުރުމުގެ ގޮތުން ހުއްދައެއް ނުވާނެއެވެ. ނޭފަތް ތޮރުފުމަކީ ކަންފަތް ތޮރުފުމާއި އެއްފަދަކަމެކެވެ. ޒީނަތްތެރިކަމުގެ މިފަދަ ކަންތައް ބިނާވެގެންވަނީ އެބައެއްގެ އާދަކާދަ އަށެވެ. ނޭފަތަކީވެސް ވުޟޫގެ ގުނަވަނެކެވެ. އެހެން ނަމަވެސް އެމީހަކަށް ނޭފަތް ތޮރުފުމަކީ ރީތިކަމަކަށް ވަނީ ނަމަ އެކަން އޮތް ގޮތަކީ ކޮބާތޯއެވެ؟ އެކަމުން ވުޟޫ ސައްޙަ ވާނެތޯއެވެ؟ އަދި އެއީ އިސްލާމް ދީނުގައި ކޮންކަހަލަ ކަމެއްތޯއެވެ؟
ޑރ މުހައްމަދު އިޔާޒް އަބްދުލް ލަތީފް ގެ ޖަވާބު:
އަންހެނުން ޒީނަތްތެރިކަމުގެ ގޮތުން ކަންފަތުގައިލާ މުދި ނުވަތަ ނޭފަތުގައިލާ މުދި ވުޟޫ ކުރާއިރު ނުވަތަ ޝަރުޢީ ހިނެއުމަކުން ހިނައިގަންނައިރު ނެގުމަކީ ވާޖިބެއް ނޫނެވެ. ނޭފަތް ނުވަތަ ކަންފަތް ބޭރުފުއް ދޮވުމުން ފުދޭނެއެވެ. އެއީ މިދަންނަވާ ސަބަބުތަކައް ބިނާކޮށެވެ. 1. ވުޟޫ ކުރާއިރު ނުވަތަ ހިނައިގަންނައިރު ވާޖިބް ވެގެން ވަނީ ނޭފަތުގެ ބޭރުފުށު ދޮންނާށެވެ. ނޭފަތުގެ އެތެރެ (ނޭފަތުގައި ތޮރުފާފައި ހުންނަތަނާއި މުދިލާތަން) ދޮވުމަކީ ވާޖިބެއްނޫނެވެ. އެހެން ނަމަވެސް ވާޖިބް ވެގެން ވަނީ ނޭފަތައް ފެންލުމެވެ. އެހެންކަމުން ނޭފަތުގެ މުދި ނުނެގިއަސް އަދި ހަރަކާތް ނުކުރިއަސް ނޭފަތައް ފެންލުން ހާސިލްވެވޭހުއްޓެެވެ. 2. ވުޟޫ ކުރާއިރު ކަންފަތުގައި ފެންލުން ވާޖިބް ވެގެން ނުވެއެވެ. އެހެން ނަމަވެސް މުސްތަހައްބުވެގެން ވަނީ ކަންފަތުގައި ފެން ފުހުމެވެ. ކަންފަތުގައި ފެންފުހޭއިރު މުސްތަހައްބުވެގެން ވަނީ ދެއަތުގެ ޝަހާދަ އިނގިލިން ދެކަންފަތުގެ އެތެރެ ފުށުގައި އަދި ބޮޑުވާ އިނގިލިން ދެކަންފަތުގެ ބޭރުފުށުގައި ފެންފުހުމެެވެ. އެހެންކަމުން ކަންފަތުން މުދި ނުނެގިއަސް އަދި ހަރަކާތް ނުކުރިއަސް ކަންފަތުގައި ފެންފުހުން ހާސިލްވެވޭހުއްޓެވެ. ފަރުޟު ހިނެއުމުގައި ކަންފަތްވެސް އެހެން ގުނަވަންތައް ދޮންނަފަދައިން ދޮންނާނީއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.