މީގެ ފަހުން 10،000 ޑޮލަރަށް ވުރެ އިތުރަށް ނަގުދު ފައިސާ ރާއްޖެ އިން ބޭރަށް ގެންދެވޭނީ، ކަސްޓަމްސް އަށް ރިޕޯޓްކޮށް، އެ ފައިސާ ހޯދި ގޮތުގެ މައުލޫމާތު ނުވަތަ ފައިސާ ޑިކްލެއާ ކުރުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިފަދައިން އިހުސާން އވިދާޅުވީ، މިއަދު ހޯމް މިނިސްޓްރީއާ އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ގުޅިގެން ބޭއްވި ޕްރެސްބްރީފިންގައެވެ.
ރާއްޖެ އިން ބޭރަށް ނަގުދު ފައިސާ ބޭރުކުރުމުގައި ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ގަވާއިދަށް އިސްލާހު ގެނެވިފައިވާ ކަމަށާާއި 10،000 ޑޮލަރަށް ވުރެ މަތިން ރާއްޖެ އިން ބޭރަށް ފައިސާ ގެންދާ ނަމަ، އެ ފައިސާ ހޯދި ގޮތެއް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފަައެވެ.
އިތުރަށް އިހުސާން ވިދާޅުވީ، ރާއްޖެއަށް ލޭބަރުންގެ ގޮތުގައި އެތެރެވާ ބިދޭސީން ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް ދާއިރު ލިބޭ އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ގެންދާ ކަމަށެވެ. އެގޮތުން ބައެއް ބިދޭސީން ލައްކައެއްހާ ޑޮލަރު ހިފައިގެންދާ ކަމަށް ވިދާޅުވިއެވެ. އެހެންވެ މިހާރު އަލަށް އެކުލަވާލީ އުސޫލުގެ ދަށުން ދިވެހިންނާއި ބިދޭސީންނަށް ވެސް 10،000 އަށްވުރެ ގިނަ ޑޮލަރު ބޭރަށް ގެންދާނަމަ ލިބުނު ގޮތް ބުނެދޭން ޖެހޭނެއެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އިބްރާހިމް މަފާޒު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ގަވާއިދު އޮތް ގޮތުން ގަވާއިދާ ހިލާފަށް ފައިސާ ބޭރު ކުރާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށެވެ.
މަފާޒު ވިދާޅުވީ، އެ ގަވާއިދުގެ ދަށުން އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ ކަސްޓަމްސްއަށް އޮޅުވާލައިގެން ނުވަތަ ފޮރުވައިގެން ގިނަ އަދަދެއްގެ ފައިސާ ބޭރު ކުރަން އުޅޭ މައްސަލަތަކުގައި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރުން ކަމަށެވެ. ނަމަވެސް، މިފަދަ މައްސަލަތައް ކޯޓުގައި ދިގު ދެމިގެންގޮސް، އިޖުރާއީ މައްސަލަތައް ވެސް ބޮޑުވެ ގިނަ މައްސަލަތައް ސާބިތުނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތްތަކުގައި އެ ފައިސާ އަނބުރާ ދޭން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި އެހެން ރިޕޯޓްކުރި ގިނަ މައްސަލަތަކެއްގައި، ޖިނާއީ މައްސަލައެއްގެ މިންގަނޑަށް ނުފެތޭތީ ފިޔަވަޅު ނޭޅި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ޚިޔާލު (1)
މާކުރިންވެސް ތިހެންނޫންތަ ތިކަން އޮންނަނީ ؟؟